ރޯދައަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޯލްޓްގެ ޖަނެރޭޓަރެއް ފޮނުވައިފިއެވެ.
މިކަން ހާމަކޮށް ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ލޭންޑިން ކްރާފްޓާށް ލޯޑުކުރެވިފައިވާ ޖަނެރޭޓަރެއް ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ ހާލަތު ގޯސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިކަމާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުއްޓުމެއްނެތި ލިބެއެވެ.
ކަރަންޓުގެ ހާލަތު ގޯސް ވާން މެދުވެރިވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ 3 ޖަނެރޭޓަރަށް މައްސަލަ ދިމާވެ، އެއް ޖަނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުންނެވެ. އެހެންކަމުން ބޭނުންވާ ވަރަށް ކަރަންޓު އުފެދިފައިނުވާތީ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔައެވެ.
ފެނަކައިން އިތުރަށް ބުނިގޮތުގައި ހަލާކުވި އެއް ޖަނެރޭޓަރު ހަދާފައިވާ ކަމަށާއި އަދި ދެވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފްތާ ހިންގަން ފެށޭނެ ކަމަށެވެ. އަދި ތިން ވަނަ ޖަނެރޭޓަރު ހަދަން ބޭނުންވާ ސްޕެއަރ ބޭރުން ގެނެސް އެ ޖަނެރޭޓަރު ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހިންގަން ފެށޭނެ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަމަޟާން މަހަކީ ހާއްސަ ގޮތެއްގައި ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ މަހެއް ކަމަށް ވާތީއާއި އައްޑޫ ސިޓީގައި ތަރައްގީގެ އެކި އެކި މަޝްރޫޢުތައް ކުރިއަށް ދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތި ވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާކަމަށް ވެފައި ހެޔޮނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެންނަމަވެސް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މި ކުންފުނިން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޙާއްސަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މި ކުންފުނިން ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފައި ކުރިއަށް ގެންދާ ކަން ފާހަގަކުރަމެވެ. ފެނަކައިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
މި ދަނޑިވަޅުގައި އައްޑޫގެ ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި ފެނަކައަށް ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

