1446 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ،
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބުކަމަށެވެ. ޝައިޚު މުޠީޢު އަކީ ސަޢުދީޢަރަބިއްޔާގެ ޤާސިމް ޔުނިވަރސިޓީން އިސްލާމީ ޝަރިީ ޝަރިޔާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އިސް ޝައިޚްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަމުގައި އެކި ދަރުސްތައް ހައްޖުވެރިންނަށް ދިނުމާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޙައްޖު ދުވަހު އަރަފާތު ބިމުގައި ތިބޭއިރު ޙައްޖު ޚުތުބާ ދިވެހި ބަހުން ގެނެސްދެނީވެސް އިސް ޝައިޚުއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ 1000 ކޯޓާ ލިބޭއިރު، މިހާރު ވަނީ ޙައްޖުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަހަރު ޙައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ހައްޖު ދަޢުވަތު ވަނީ ފޮނުވަން ފަށާފައެވެ. އަދި ހައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސަޢުދީޢަރަބިއްޔާއާއެކު މަޝްވަރާތައްވެސް ވަނީ ކުރަން ފަށާފައެވެ.
މިއަހަރުގެ އައު ކަމެއްގެ ގޮތުގައި، މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓްގައި ޙައްޖުވެރިންގެ 50 އިންސައްތަ އުފުލުމަށް ވަނީ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ އިސް ޝައިޚަކަށް ވަޑައިގަތީ ޝައިޚު ޑރ. އާދަމް ޝަމީމުއެވެ.

