ދިވެހިންގެ ދިރިއުޅުމުގައި ރުއްގަހަކީ އެންމެ މުހިންމު އެއް އަސާސެވެ. ރުކުން ލިބޭ ގިނަގުނަ ފައިދާތަކުގެ ތެރެއިން އެންމެ މުހިންމު އެއް އުފެއްދުމަކީ ދިޔާ ހަކުރެވެ. "ރޯދިކުރެއްވި އެއްޗަކާއި ދިވެހި ހަކުރު" މިއީ ބޯދާ ޒަމާނުއްސުރެ ބުނެއުޅޭ މަޖާޒީ ބުނުމެކެވެ. މި ބުނުމުން ވެސް ދޭހަވަނީ ދިވެހިންގެ ދިރިއުޅުމުގައި ދިޔާ ހަކުރުގެ މުހިންމުކަމެވެ.
އެންމެ އާންމުކޮށް ދިޔާ ހަކުރާ ބެހޭ ގޮތުން އިވޭ އަޑުތަކަށް ބަލާލާނަމަވެ. "ސިއްހަތަށް ފައިދާ ހުރި އެއްޗެއް، ދޯބުރާލި ހަކުރުން ލިބޭ ގެއްލުން ދިޔާ ހަކުރަކުން ނުލިބޭނެ، ބަލިތަކުން ދުރުކޮށްދޭ، ރަހަވެސް އެހާމީރު، ކާތަކެއްޗަށްވެސް ދޯބުރާލި ހަކުރު އެޅުމުން އެދޭ ރަހައާއި ދިޔާހަކުރު އެޅުމުން ރަހަމީރުވާ ވަރުންވެސް އެނގޭނެ އެހީ ކިހާ ސިއްހަތަށް ރަނގަޅު އެއްޗެއްކަން،" މިއީ ތެދެއްބާވައެވެ. އަގު ކިތަންމެ ބޮޑަސް މިއީ ތެދެއްނަމަ ދޯބުރާލި ހަކުރަށް ވައްސަލާމް ބުނާނަމެވެ.
އާއެކެވެ. އޭގައި 50 އިންސައްތައިގެ ބައި ސައްހައެވެ. އެބުނެފައިވާ ވާހަކައިން އެއްވާހަކަ ވަރަށް ސައްހަވެފައި ތެދެވެ. ރަހަ ވަރަށް މީރުކޮށްލަދޭ ވާހަކައަކީ ޙައްޤު ތެދެކެވެ. ރަހައިގެ ރޭހުގައި ދޯބުރާލި ހަކުރު ބަލިކޮށް، ފަހަތަށް ޖައްސައި ސަފުގެ އެންމެ ކުރިއަށް ދިޔާ ހަކުރަށް އެރޭނެއެވެ. ކާތަކެތީގެ ރަހަ ހަމަ ވަރަށް މީރުކޮށްލަދެއެވެ. އެކަމަކު، އަނެއް 50 އިން ސައްތަ އެއީ ތެދެއް ނޫނެވެ. ސިއްހަތަށް ފައިދާ ކުރުމާ ބެހޭ ގޮތުން ބުނެފައި އެއޮތީ އެއްގޮތަކަށްވެސް ކަމުދާ ރަނގަޅު ވާހަކައެއް ނޫނެވެ.

ދިޔާ ހަކުރާއި ދޯބުރާލި ހަކުރު.މީރުވެފައި ފައިދާ ބޮޑީ ކޮން ހަކުރެއްގައިބާ / ފޮޓޯ: ސުނީސްޕްޝަލް، އަދި ޕީއެސްއެމް
ފަތިސްތަރީގައި މިއަދު ކުރުގޮތަކަށް ނަމަވެސް މިގެެނެސްދެނީ ދިޔާ ހަކުރާ ބެހޭ ގޮތުންނެވެ.
ދިޔާ ހަކުރު އުފެއްދުން: ދިޔާ ހަކުރަކީ ރުކުރާ ކައްކައިގެން އުފައްދާ، މޮލައިސަސްގެ ބާވަތެކެވެ. މި އުފެއްދުމުގައި ރާގާ ނުވަތަ ރާ މުރަކައިން ހެދޭ އަކިރި ބޭނުންކުރެވެނީ ރުކުރަލުގެ ހިތިކަން މަޑުކުރުމަށެވެ. މިއީ ދިވެހިންގެ ތިމާވެށްޓާ ގުޅުންހުރި ފަންނުވެރި މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވޭ، އަދި ދިވެހިންގެ ކެއިންބުއިމުގެ މުހިންމު ބައެކެވެ.
ދިޔާ ހަކުރުގެ ބޭނުންތައް: ދިޔާ ހަކުރަކީ ފޮނިކާތަކެތި ތައްޔާރުކުރުމަށާއި ރޮށި ގަބުޅިއާއެކު ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ޚާއްޞަކޮށް ދިވެހި ސަގާފަތުގައި ރޯދަމަހު އިފްތާރީގައި ދިޔާ ހަކުރުގެ ބޭނުން ވަރަށް ބޮޑެވެ. އަދި މިއީ ދިވެހި ބަތްކެއުމުގެ ސަގާފަތުގައި ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ސިއްޙީ ނަޒަރަކުން: ދިޔާ ހަކުރާއި ދޯބުރާލި ހަކުރު އަޅާކިޔާއިރު، ދިޔާ ހަކުރަކީ ދޯބުރާލި ހަކުރަށްވުރެ ސިއްހީގޮތުން އިތުރު ފައިދާތަކެއް ލިބޭ އެއްޗެއް ނޫނެވެ. ދިޔާހަކުރުގައިވެސް ދޯބުރާލި ހަކުރެކޭ އެއްވަރަށް ހަކަތަ (ކެލަރީ) އެކުލެވެއެވެ. ވުމާއެކު، ހަކުރުބަލި ހުންނަ މީހުން މި ދެ ބާވަތް ބޭނުންކުރުމުގައި ސަމާލު ވާން ޖެހެއެވެ. ނަމަވެސް ކާއެއްޗެހީގެ ރަހަ މީރުކުރުމަށް މެދުމިނުގައި ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ.
ދިޔާ ހަކުރަކީ ދިވެހިންގެ ސަގާފަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އުފެއްދުމެކެވެ. މިއަދު ވެސް ދިވެހި ކެއިންބުއިމުގެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ދިޔާ ހަކުރު ދެމިއޮތުމަކީ، މީގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.

