އަށްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮމާންގެ ވެރިރަށް މަސްކަޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 16 އާއި 17 އާ ދެމެދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވުނު މި ކޮންފަރެންސްގެ ދެވަނަ ޕްލެނަރީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހަލީލް ވަނީ ބައިނަލްއަގްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ހަލީލް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ގޮވާލައްވާފައެވެ. މީގެއިތުރުން، ސަލާމަތީ މަޖިލީހުން ވީޓޯ ކުރުމުގެ ބާރު އުވާލުމަށާއި، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް އިސްކަންދިނުމަށްވެސް ގޮވާލެއްވިއެވެ.
2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންދާ މި ކޮންފަރެންސްގައި އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުން ބައިވެރިވެއެވެ. މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ “ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް” އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން ވަޒީރު ހަލީލް ވަނީ ކޮންފަރެންސްގެ އިންތިޒާމްތައް ރަނގަޅަށް ހަމަޖައްސައިދެއްވި ކަމަށްޓަކައި އޮމާންގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

