އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް ހުށަހެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިޞްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާޤުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު މި އިޞްލާހުގެ މައިގަނޑު މަޤްޞަދަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ހަރުދަނާކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމެވެ. މި އިޞްލާހުގެ ދަށުން، އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވަންސް ނުލިބޭ ކޮންމެ މެންބަރަކަށް 3,000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.
މި އިޞްލާހުގައި އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާއިރު، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ފޯރުކޮށްދިނުމުގެ އުސޫލުތައްވެސް ހިމަނާފައިވެއެވެ. އަދި ކޮމިޓީތަކަށް މަދަނީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ހިންގުމުގެ ބާރުވެސް ލިބިގެންދާނެއެވެ.
އިޞްލާހުގެ ދަށުން، ކޮމިޓީތަކުގެ ހިންގާ ގަވާއިދު އެކުލަވާލުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިންކަމަށް އިޞްލާހުގައިވެއެވެ.
އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސްގެ އެ ވަޢުދާ އެއްގޮތަށް، ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް އަމަލުކުރަން ފެށުމުން، އަންނަ ރަމަޟާންމަހުގެ އިނާޔަތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

