ގދ. ރަަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 91 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން، ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭރު ތޮށި ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިއާއެކު، މަޝްރޫޢުގެ 91 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފާ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.
ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ 82 އިންސައްތަ މަސައްކަތާއި، ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާކަމަށް އެމްޓީސީސީއިން މައުލޫމާތުދޭއިރު، މި މަޝްރޫއުގެ ދަށުން 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
ރަތަފަންދޫގެ ބޮޑު ސަރަހައްދަކުން ރަށް ގިރާ، އެ ސަރަޙައްދުން ރާޅު އަރައި، ކައިރި ގެތަކަށް ގެއްލުންވުމުގެ ސަބަބުން ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަނީ ރަށުގެ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި މި މަޝްރޫއަށް 26.27 މިލިއަން ރުފިޔާ ހަރަދުވެއެވެ.

