ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވުނު ކަމަށް ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" ގައި ޝާއިއުކޮށްފައިވަނީ ދޮގުޚަބަރެއް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރެއް ޝާޢިއުކޮށްފައިވާތީވެ، އެމައްސަލަ މޯލްޑިވްސް މީޑީއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމަށްފަހު، ކުއްލި ކެބިނެޓް ބައްދަލުވުމެއް މިއަދު މެންދުރު ރައީސް އޮފީހުގައި ބާއްވައިފި ކަމަށެވެ. އަދި މި ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ބާއްވަން ތާވަލުކޮށްފައި އޮތް ފަރިއްކޮޅެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެންސަލް ކުރެއްވި ކަމަށްވެސް އެ ޚަބަރުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައިވަނީ މިއީ އެއްވެސް ސައްޙަކަމެއް ނެތް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދީފައިވާ ދޮގު މަޢުލޫމާތެއް ކަމަށެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

