ކުރިއަށްއޮތް ރަމަޟާން މަހު ކާބޯތަކެތީގެ އަގު ބޮޑުކޮށްފި ނަމަ އާންމުންނަށް އެ ވުޒާރާއަށް ރިޕޯޓް ކުރެވޭނެ ގޮތް ހަދާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އަސާސީ ބާވަތްތަކުގެ އަގު ބޮޑުވޭތޯ ތިން ކެޓަގަރީއަކަށް ބަހާލައިގެން މޮނީޓަރ ކުރަމުންދާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު ވަނީ ވިދާޚުވެފައެވެ. އެގޮތުން، ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ތެރޭގައި ހިމެނޭ 93 އައިޓަމް، މޭވާ އާއި ތަރުކާރީގެ 38 އައިޓަމް އަދި ކަނޑުމަހުގެ ބާވަތްތަކުން 10 އައިޓަމް ހިމެނޭހެން ޖުމްލަ 141 ބާވަތުގެ ކާބޯތަކެތި މޮނީޓަރ ކުރެވޭނެކަމަށް މައުލޫމާތުދެއެވެ.
މި އައިޓަމްތައް މޮނީޓަރ ކުރުމަށްޓަކައި އެ ވުޒާރާގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތެރޭ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން މައުލޫމާތު ނަގާ އިރު، މިގޮތަށް ބަލާބެލުމުގައި އަސާސީ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ “އަސާސީ ބާވަތްތައް ކަނޑައެޅުމާއި، އަގު މޮނީޓަރ ކުރުމާއި މާކެޓް އިންޓަވެންޝަންގައި އިކޮނޮމިކް މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލު”ގެ ދަށުން އަމަލުކުރާނެ ކަމަށްވެސް ނަޝްވާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުވެސް ބާޒާރުގައި ފިޔާގެ އަގު ބޮޑުވެގެން ދިޔަކަން ފާހަގަކުރައްވަމުން ނަޝްވާ އިތުރަށް ވިދާޅުވިގޮތުގައި އޭރުވެސް އަގުތައް މަތިވާން ފެށުމުން ފިޔާގެ އަގު އިތުރަށް މައްޗަށް ދިޔަނުދީ ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯއިން ފިޔާގެ އިތުރު ސްޓޮކެއް ގެނެސްގެން އަގުތައް ހިފެހެއްޓުނު ކަމަށެވެ.
ހަމައެއާއެކު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މޮނިޓަރ ކުރަމުންދިޔުމުގެ ސަބަބުން، އެފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އަވަހަށް ފިޔަވަޅުއެޅިގެންދާނެކަމަށާއި އޭގެ ސަބަބުން އަގަށް ކުރާ އަސަރަށް ފުދޭ ވަރަކަށް އަވަހަށް މާކެޓުގައި އެއްޗެހި ފެންނަން ފައްޓާނެ ކަމުގައިވެސް ނަޝްވާ ވިދާޅުވިއެވެ.
އެއްވެސް ސަބަބެއް ނެތި ކާބޯތަކެތީގެ އަގުބޮޑުކޮށްފިނަމަ އެ ވުޒާރާއިން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށާއި އަސާސީ ކާބޯތަކެތީގެ އަގު ބޮޑުނަމަ އާންމު ރައްޔިތުންނަށްވެސް ރިޕޯޓް ކުރެވޭނެ ކަމަށާއި ރަމަޟާން މަހަށް ހާއްސަކޮށްގެން އެ ވުޒާރާއިން އިފްތިތާހުކުރާ ސިސްޓަމް މެދުވެރިކޮށް އިންސްޕެކްޝަން ޓީމްތަކުގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ވުޒާރާއަށް ރިޕޯޓް ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް މައުލޫމާތުދެއެވެ.

