ގދ. ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 90 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 625 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ބަހައްޓާފައެވެ. މީގެއިތުރުން، 10 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކަކާއި 13 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ވަނީ ޤާއިމްކޮށްފައެވެ. އަދި 3 ޕަންޕިން ސްޓޭޝަނާއި 25 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް ވަނީ ބަހައްޓާފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ. މިހާރު ކުރިއަށްދަނީ ޚިދުމަތް ދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ މަސައްކަތްތަކެވެ. ޓްރަޔަލް ޕީރިއަޑްގެ ދަށުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޚިދުމަތް ދެމުން ގެންދާނެއެވެ.

