ބ. ގޮއިދޫ ކައުންސިލުން އެރަށުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ 2022 ވަނަ އަހަރު ކުރި އިޢުލާނުގައި ހުރި ޤާނޫނާ ޚިލާފު ޝަރުތުތަކެއްގެ ސަބަބުން އެ އިޢުލާން ބާޠިލުކުރުމަށްފަހު، އުސޫލަށް ބޭނުންވާ އިސްލާހުތައް ގެނެސްގެން ކުރާ އިޢުލާނެކެވެ.
މި އިޢުލާނުގެ ދަށުން ކައުންސިލުން ވަނީ 2500 އަކަފޫޓުގެ 75 ގޯތި ދޫކުރުމަށް ހަމަޖައްސާފައެވެ. ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 12 ވާ ބުދަ ދުވަހުގެ 12:00 އެވެ.
ނަމަވެސް ކުރީގެ އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
މި ފަހަރުގެ ގޯތި ދޫކުރުމުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ގޯތި ޚާއްސަކޮށްފައިވުމެވެ. މިގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފޯމާއެކު، އެފަރާތެއްގެ ކަންކަން ބެލެހެއްޓުމުގައި ޒިންމާވާ، ޢާއިލީ ގުޅުން ހުރި މީހެއްގެ ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ.

