ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދިޔަ ޓްރާންސްފޯމަޓިވް ލީޑަރޝިޕް "ރާސްތާ ޕްރޮގްރާމު" އިއްޔެ ނިންމާލައިފިއެވެ.
ދ. ވާނީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތަފާތު ތަމްރީނުތަކާއި މެންޓަރޝިޕްގެ ހަރަކާތްތައް ހިމެނުނެވެ.
އެމްއެންޔޫން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ޔުނިވަރސިޓީގެ ދަރިވަރު ލީޑަރުންގެ ލީޑަރޝިޕް ހުނަރުތައް ވަނީ އިތުރަށް ތަރައްގީވެފައެވެ. މީގެ އިތުރުން ޑިސިޕްލިން، ކެތްތެރިކަން އަދި ޓީމްވޯކް ފަދަ މުހިންމު ހުނަރުތައް ވެސް ވަނީ ކުރިއަރާފައެވެ.
ޕްރޮގްރާމުގެ ތެރޭގައި ބައިވެރިން ވަނީ ޓީމް ބިލްޑިންގ ޗެލެންޖްތަކާއި، ފިޓްނަސް ކަސްރަތުތަކާއި އަދި ވެލިއު ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. މި ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ކެތްތެރިކަން އަދި ޒިންމާދާރުކަމުގެ ރޫހު އާލާވެފައިވާ ކަމަށް އެމްއެންޔޫން ފާހަގަކުރެއެވެ.

