އަނިޔާވެރި އިޒްރޭލުގެ ވަކިތަކުގެ ދަށުގައި ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އުޅޭތާ މިއަދަށް 501 ދުވަސްވީއެވެ. ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ހިނގަމުންދާ އުދުވާނުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 75،000 ޓަނުގެ ގޮވާތަކެތި ޣައްޒާއަށް ވައްޓާލާފައިވާއިރު، ޣައްޒާ ސިޓީ ހިނެމޭހެން މުޅި ފަލަސްތީން ކަހަަލަގޮތަކަށް ވަނީ ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފައެވެ. ފަލަސްތީން އަލުން ބިނާކުރުމަކީ ދުނިޔޭގެ ތާރީހުގައވެސް އާރާސްތުކުރުމުގެ އެންމެ ބޮޑު އެއް މަސައްކަތަށް ވާނެ ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.
އެގޮތުން، ފަސް އަހަރުގެ މުއްދަތެއްގައި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިސްރުން ވަނީ ހުށަހަޅާފައިވެ އެވެ. 20 ފެބްރުއަރީ 2025 ގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އަދި އެހެނިހެން އަރަބި ގައުމުތައް ހިމެނޭ ސަމިޓުގައި ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން ހުށަހެޅުމަށް ހަމަޖެހިފައިވާއިރު މި ޕްލޭނުގެ ފުރަތަމަ މަރުހަލާގައި ހޮސްޕިޓަލްތައް ފަދަ އަސާސީ ޚިދުމަތްތައް އަލުން ގާއިމުކުރުމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްކަންދެވޭނެއެވެ. ހަމައެއާއެކު، ރައްކާތެރި ސަރަހައްދުތައް ކަނޑައަޅާ، އެ ސަރަހައްދުތަކުގައި ކެރެވަން، ޓެންޓު އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްވެސް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.
ޣައްޒާ އާރާސްތުކުރުމަށް މިސްރުގެ ގިނަ ޕްރޮޕަޓީ ޑިވެލޮޕަރުން އެ ގައުމުގެ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި މި މަސައްކަތަށް ފައިސާ ހޯދުމަށް ބައިނަލްއަގްވާމީ ކޮންފަރެންސެއް ބޭއްވުމަށްވެސް މިސްރުގެ ސަރުކާރުން ރާވަމުންދާކަމަށް އެެ ގައުމުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ރަޚާ ހަސަން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން ޣައްޒާ ގޮސް، އެގައުމުގެ ރައްޔިތުން ބޭރުކުރަން މަޖުބޫރުކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. މިކަމާއި ގުޅިގެން އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އެތައް މިލިއަން މީހުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އާރާސްތުކުރުމުގެ ރޭވުން ކާމިޔާބުވުމަށްޓަކައި އެކަށީގެންވާ ވަރަށް ފައިސާ ހޯދައި، މާރޗު މަހުގެ ކުރީކޮޅަށް މުއްދަތު ހަމަވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އިތުރަށް ދެމިގެންދިޔުމުގެ އިތުރުން ރޭވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށްދާންވެސް ޖެހެއެވެ. ރޭވުމުގެ ދެވަނަ ފިޔަވަހި ކާމިޔާބުވެއްޖެނަމަ، ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލަންޖެހެއެވެ. އަދި ޣައްޒާގައި ތިބި އިޒްރޭލުގެ އަސްކަރީ ބާރުތައް ފޮނުވާލައި، މި އަނިޔާވެރިކަން ދާއިމީގޮތެއްގައި ހުއްޓާލެވޭނެއެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމާސްއިން އެއްބަސްވެފައިވާ ފަދައިން އިޒްރޭލުގެ ތިން އަސީރުން ދޫކޮށްނުލައިފިނަމަ އަނެއްކާވެސް ޣައްޒާއަށް ބޮން އަޅާނެކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފައެވެ.
މިސްރުގެ ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން އަދި އެހެނިހެން ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކާއި، ގަލްފްގެ ގައުމުތަކުގެ ބައިވެރިވުމާއެކު ޣައްޒާ އަލުން ބިނާކުރުމުގެ ރޭވުން އެކުލަވާލަމުންދާއިރު، އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ޝިކާރައަކަށްވެ 70،000 މައުސޫމު ރައްޔިތުން ވަނީ މި ދުނިޔެ ދޫކޮށްފައިވާއިރު، އެތައް ސަތޭކަ މީހުންވަނީ ހާލުގައި ޖެހިފައެވެ.

