ރާއްޖެއަށް އައި ޗައިނާ ފިރިހެނެއްގެ ފޮށިގަނޑުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖެއަށް ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އަދި ވިޔަފާރިކުރުމުގެ ތުހުމަތު ކުރެވޭކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އިއްޔެ ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ހުށަހެޅި ބަޔާންތަކުގައިވާ ގޮތުން، މި ފަރާތުން ރާއްޖެއަށް ގެނައި ފޮށިގަނޑަކުން ފެނުނު އެއްޗެހީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެއީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ވެއެވެ. މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ، މި މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

