އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) މެދުވެރިކޮށް މަޖިލިސް މެންބަރުންނަށް ގާނޫނީ ދާއިރާގެ ތައުލީމު ހާސިލުކުުރުމަށް ހިންގާ ކޯހުގައި، ކޯހުގެ ފީ ދައްކާނީ އެ މެންބަރަކު އަމިއްލައަށް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނީ ދާއިރާއިން ކޯސްތައް ހިންގުމަށް އައިޔޫއެމްއާއި އެކު މަޖިލީހުން ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާއެކު މިކަން ކުރަނީ ދައުލަތުގެ ހަރަދުގައިތޯ ސުވާލު އުފައްދާ، ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މި ކޯސް ހިންގަނީ މަޖިލީހުން ހަރަދުކޮށްގެން ނޫންކަމަށާއި، ކޯހުގެ ހަރަދު ދައްކާނީ އެ މެންބަރަކު އަމިއްލައަށް ކަމަށެވެ.
ހަމައެއާއެކު، މި ކޯހުގައި ކިޔަވާ ބޭފުޅުންގެ ތެރޭގައި އެހެން ދާއިރާތަކުން މާސްޓާރސް ހައްދަވާފައިވާ ބޭފުޅުން ވެސް އެބަ ތިބިކަމަށް ފަލާހް ވިދާޅުވި އެވެ.
ފަލާހް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިކަމަށް އިސް ނެގީ ޕީއެންސީގެ ޕީޖީން ކަމަށެވެ. އެގޮތުން، އެޕާޓީގެ 8 މެންބަރަކު ގާނޫނީ ދާއިރާގެ މި ކޯހުގެ އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ކޯހުގައި ބައިވެރިވެރިވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ 8 މެެންބަރުންނަކީ ކޮބައިކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

