ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތުގައި ބައިވެރިނުވެ، ބަޔޯމެޓްރިކް ޑޭޓާ އަދާހަމަނުކުރާ ބިދޭސީން ރާއްޖެއިން ޑިޕޯޓްކުރުމަށް އެ ވުޒާރާއިން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ މެއި 2 ވަނަ ދުވަހު ފެށުނު “އޮޕަރޭޝަން ކުރަނގި” ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ އަދި އެހެނިހެން މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ. މި މަސައްކަތް ނިންމުމަށް އެންމެ ފަހު ސުންގަޑިއެއްގެ ގޮތުގައި ވަނީ އޭޕްރީލް 20 ކަނޑައަޅާފައެވެ.
ވުޒާރާއިން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މާލެ ސަރަޙައްދު ފިޔަވައި އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާރިޗު 1 ގެ ކުރިން ވަޒީފާދޭ ފަރާތްތަކުން ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދަންވާނެއެވެ.
އަދި ރިޒޯޓުތަކާއި، ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްޞަކޮށްފައިވާ ރަށްރަށާއި، އެހެނިހެން ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15 ގެ ކުރިން ނިންމަންޖެހޭނެއެވެ. މި މަސައްކަތް ކުރެވޭނީ އެންސީއައިޓީގައި ޤާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީއަކު ވަޒީފާ އަދާކުރާ ސައިޓަކާ އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާ ގުޅިގެންނެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓްނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، ޚިދުމަތް މެދުކަނޑާލުމަށްފަހު ރާއްޖެއިން ޑިޕޯޓްކުރެވޭނެ ކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ.

