ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ކުރިއަށް ގެންދިޔަ ‘އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024’ ކާމިޔާބުކަމާއެކު ނިންމާލާ، ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ޝަރަފްވެރިކޮށްދެއްވާ، ހުޅުމާލޭ ޝްވެކް ސިނެމާގައި މިއަދު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތަކީ އެ ކޯޕަރޭޝަނުން މިހާތަނަށް ކުރިއަށްގެންދިޔަ ހަތް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން، މިއަހަރުގެ ޕްރޮގްރާމް ނިންމައި، ޖުމްލަ 49 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައި ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ، ލެވެލް ތިނެއްގެ ސަނަދެއް ކަމައް ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިން ތަމްރީނުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ގަސް ހެއްދުން، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ހިމެނެއެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާތއް އިހްތިޔާރު ކުރުމުގައި އެހީތެރިވެ، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ އޮނިގަނޑުގެ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

