ޕެޝަން ފުރުޓު ފަތުގެ ޞިއްޙީ ފައިދާތައް: ޕެޝަން ފުރުޓު ފަތް ނުވަތަ ޖުމްހޫރީ މޭވާ ފަތަކީ ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ޒަމާނުއްސުރެ ހިމެނިފައިވާ، ގިނަގުނަ ޞިއްޙީ ފައިދާތަކެއް އެކުލެވިފައިވާ ފަތެކެވެ. މިއީ ރަހަވެސް މީރު އަދި އެހާ ގިނަ ފައިދާވެސް އެކުލެވޭ ފަތެކެވެ.
މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ޕެޝަންފުރުޓް ފަތުގެ ބައެއް މައުލޫމާތެވެ. އަދި ޕެޝަން ފުރުޓު ފަތުގެ ސަޓަނި ތައްޔާރު ކުރާނެ ގޮތްވެސް ގެނެސްދޭނަމެވެ.
ޕެޝަން ފްރޫޓްގެ ނަން އައިސްފައިވަނީ ލެޓިން ބަހުގެ "ޕެސިއޯ" އިންނެވެ. މި ބަހުގެ މާނައަކީ ޖޯޝް ނުވަތަ ތަހައްމަލު ކުރުމަށް ލިބޭ ބާރެވެ. ޕެޝަނުރުޓް ފަތަކީ ފައިބަރ، ވިޓަމިން އޭ، ވިޓަމިން ސީ އަދި ނިއަސިން ފަދަ ބާވަތްތަކުން މުއްސަނދި ސިއްހަތަށް ފައިދާ ކޮށްދޭ ފަތެކެވެ. އަދި އެންމެ ހާއްސަ އެއްކަމަކަށް މި ފަތުގައި އެކުލެވިގެންދާ ހާމަން ފަދަ އަލްކަލޮއިޑްތަކުގެ ސަބަބުން ކަންބޮޑުންތަކުން ދުރުކޮށްދީ، ހިތްހަމަޖެހުމާއި މަޑުމައިތިރިކަން ޖިސްމަށާއި ނަފުސަށް ލިބިދެއެވެ. އަދި އެންމެ ހާއްސަ އެއްކަމަކީ ރޭނގަޑުނިދަން އުނދަގޫވާނަމަ މިފަތް ކެއުމުން ނިދުމަށް އެހީތެރިވެދެއެވެ.
ހިތުގެ ޞިއްޙަތަށް ކުރާ ފައިދާ: ޕެޝަން ފުރުޓު ފަތުގައި އެކުލެވޭ ފްލެވަނޮއިޑްސް އަދި އެހެނިހެން މުހިންމު މާއްދާތަކުގެ ސަބަބުން ހިތުގެ ޞިއްޙަތު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. މި ފަތް ބޭނުން ކުރުމުން ލޭގެ ޕްރެޝަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށާއި، ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ.

ޕެޝަން ފުރުޓް ފަތް / ފޮޓޯ:އައިސްޓޮކް
ހަޖަމުކުރުމުގެ ނިޒާމަށް ކުރާ ފައިދާ: މި ފަތުގައި ފައިބަރު ގިނައިން އެކުލެވިފައިވުމުގެ ސަބަބުން ކެއުން ހަޖަމުކުރުމަށާއި ގަވާއިދުން ބޮޑުކަމުދިއުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދެއެވެ. އަދި މީގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމުގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލު ކުރުމަށްވެސް އެހީތެރިވެދެއެވެ.
ލޭގެ ހަކުރުގެ މިންވަރު ބެލެހެއްޓުން: ޕެޝަން ފުރުޓު ފަތުގައި އެކުލެވޭ ޚާއްޞަ މާއްދާތަކުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ޑައިބެޓީޒް ބަލީގެ ފަރުވާގައި ތިބޭ މީހުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ.
ޕެޝަން ފުރުޓު ސަޓަނި ތައްޔާރު ކުރާނެ ގޮތް:
- ޕެޝަން ފްރޫޓް ފަތްތައް (ހެޔޮވަރުގެ 10 ވަރަކަށް ފަތް، ކުދިކުދިކޮށް ކޮށާފައި)
- 2 ފިޔާ (ކުދިކުދިކޮށް ކޮށާފައި)
- ތިންވަރަކަށް ހިކަދިފަތް ކުދިކުދިކޮށް ކޮށާފައި
- ހިކި މަސް، ކޮންމެވެސް ވަރަކަށް ފުނޑުކޮށްފައި،
- ކާށި ކިރު(ބޯ ކިރުފޮދެއް)
- ލުނބޯ
- ލޮނު (ރަހައަށް)
- މިރުސް (އިޚްތިޔާރީ)

ޕެޝަންފުރުޓް ފަތުގެ ޕައުޑަރ / ފޮޓޯ:އައިސްޓޮކް
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ ތަކެތި އެއްކޮށްލާށެވެ. ކާށި ކިރުފޮދެއް (ބޭނުންނަމަ އަޅާށެވެ. ކާށިކިރު ފޮދެއް އެޅުމުން މި ސަޓަނީގެ ރަހަ ވަރަށް މީރު ކޮށްދޭނެއެވެ.)
ރަނގަޅަށް އެއްކޮށްލުމަށްފަހު ރަހަ ބަލާށެވެ. ބޭނުންވާނަމަ އިތުރު ލޮނު ނުވަތަ ލުނބޯ ހުތްފޮދެއް އިތުރު ކުރާށެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ފައިދާ: މި ފަތުގައި އެކުލެވޭ ޚާއްޞަ މާއްދާތަކުގެ ސަބަބުން ނަފްސާނީ ހިތްހަމަޖެހުން އިތުރުކޮށް، ކަންބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި ރަނގަޅަށް ނިދުމަށްވެސް މަގުފަހިކޮށްދެއެވެ. ޒަމާނުއްސުރެ އެމެޒަން ސަރަޙައްދުގައި މި ފަތް ބޭނުންކޮށްފައިވަނީ ނިދި ނާންނަ މައްސަލައަށް ފަރުވާ ހޯދުމަށެވެ. އެގޮތުން މިފަތް ހިއްކައި ހިމުންކޮށް ޕައުޑަރއަށް ހަދައި ސައިގެ ގޮތުގައިވެސް ބޭނުން ކުރެވެއެވެ.
ދިފާޢީ ނިޒާމު ވަރުގަދަކުރުން: ޕެޝަން ފުރުޓު ފަތުގައި ވިޓަމިން ސީ އާއި އެހެނިހެން އެންޓިއޮކްސިޑެންޓްސް ގިނައިން އެކުލެވިފައިވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް މަގުފަހި ވެގެންދެއެވެ.
ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން: މި ފަތުގެ ފައިދާތައް ގިނަކަމުގައި ވީނަމަވެސް، ބައެއް ޙާލަތްތަކުގައި ބޭނުންކުރުމުގައި ސަމާލުވާން ޖެހެއެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންނާއި ކިރުދޭ މައިން މި ފަތް ބޭނުންކުރުމުގެ ކުރިން ޞިއްޙީ ލަފާ ހޯދުން މުހިންމެވެ. އަދި މި ފަތް އެންމެ އާންމުކޮށް ބޭނުން ކުރެވެނީ ސަޓަނި ހަދައިގެންނެވެ. ނަމަވެސް އެހެނިހެން ތަރުކާރީއާއެކު ސެލެޑްގެ ގޮތުގައި ނުވަތަ ރޮލާވެސް ބޭނުން ކުރެވިދާނެއެވެ.

