ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތާއި ޚައިރާތާއި ހިބައާއި އެހެނިހެން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި މި ވާހަކަ ހިއްސާކޮށް އެ މިނިސްޓްރީ އިން އިތުރަށް ބުނެފައިވަނީ މި ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، ރާއްޖޭގައި އެފަދަ އެހީތެރިކަން ބޭނުންވެފައިވާ ދާއިރާތަކަށް ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތަކާއި ޤުރުއާން ކްލާސްތައް އިމާރާތްކުރުމާއި، އެފަދަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މި ފައިސާ ބޭނުންކުރެވޭނެއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިހާރު ތަރައްޤީކުރަމުން ގެންދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމުގައިވާ ކުވައިތު ޒަކާތު ހައުސްގެ ނިޒާމު ނަމޫނާއަކަށް ބަލައިގެންނެވެ. އެ އިދާރާގެ ނިޒާމުވެސް އޮތީ މިފަދަ ގޮތަކަށެވެ.
މި އައު ނިޒާމާއެކު، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

