ރާއްޖޭގެ ހަ ރަށަކަށް، ރާއްޖެއިން ބޭރުގެ ގުރުއާން ހިތުދަސް ގާރީން ފޮނުވައި، ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ފެށުމަށް އިސްލާމީ ކަންތައްތަަކާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
އެގޮތުން، އެ ވުޒާރާއިން ވިދާޅުވީ ގުރުއާން ކިޔަވާދިނުމުގައި ގާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން ހަ ރަށަކަށް، ރާއްޖެއިން ބޭރުން އަންނަ ގުރުއާން ހިތުދަސް ގާރީން މިއަދު މާލެ އަންނާނެ ކަމަށާއި، މި ބޭފުޅުން އެ ކަނޑައެޅިފައިވާ ރަށްތަކުގައި ގުރުއާން ކްލާސްތަކުގެ ގޮފިތަކުގައި ކިޔަވައި ދިނުމުގެ އިތުރުން މިސްކިތްތަކުގައިވެސް ގުރުއާން ހިތު ދަސްކުރުމުގެ ކްލާސްތައް ހިންގާނެ ކަމަށްއެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކިޔަވާދޭ ބޭރުގެ މުދައްރިސުންނަށް މުސާރަ ދެނީ ޒަކާތު ފަންޑުގެ ފީސަބީލިﷲ ބައިންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
ގުރުއާން އުނގަންނައި ދިނުން ފުޅާކޮށް، ހިލޭ ސާބަަހަށް ގުރުއާން އުނގަންނައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅަކަށްވީއިރު، ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީސް ކުރުމަށް ވަރަށް ގިނައިން ބޭރުގެ ހާފިޒުންނާއި ގާރީން ގެންނަކަން ފާހަގަކޮށްލެވެއެވެ.

