މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ގޯލްޑެން ފުޓްސަލް މުބާރާތުގައި ގދ. ވާދޫގެ ފުޓްސަލްް ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގދ. އަތޮޅު ކައުންސިލުން އެ ޓީމަށް 82،000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ގދ އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ހުވަދޫ އަށް ވިދާޅުވީ މިއީ ގދ ވާދޫ ޓީމު ހޯދަމުންދާ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުން ދެއްވި އެހީއެއްކަމަށެވެ. މިކަމަށްޓަކައި ހުރިހާ ރައީސުންނަށް ޝުކުރުދަންނަވާ ކަމަށާއި ހުރިހާ ރަށަކުންވެސް ތިބީ ވާދޫ ޓީމަށް ސަޕޯޓް ކުރުމުގައި ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، މިއީ މިހާތަނަށް އަތޮޅުގެ ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި މި ޝަރަފު ދެމެހެއްޓުމަށް ކުރިއަށް އޮތް ސެމީ ފައިނަލް މެޗުން މޮޅުވުމަށް އެދޭ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.
އެގޮތުން، ގައްދޫ ކައުންސިލްގެ ރައީސް، މުހައްމަދު އަހްމަދު އެފްބީގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، ގޯލްޑެން ފުޓްސެލް މުބާރާތުގައި ގދ.އަތޮޅަށް، ގދ.ވާދޫ ފުޓްސަލް ޓީމުން ހޯދަމުން ގެންދާ ފަޚުރުވެރި ކާމިޔާބު ފާހަގަކޮށް ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން ގދ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއިއެކު ވާދޫ ފުޓްސަލް ޓީމަށް 82،000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ. މިއެހީގެ ތެރޭގައި ގދ.އަތޮޅު ކައުންސިލްގެ ގައްދޫއަށް ކަނޑައެޅިފައިވާ ބަޖެޓުން 9،111 ރުފިޔާ ހިމެނުނު ވާހަކަވެސް މި ޕޯސްޓުގައި ހިއްސާކޮށްފައިވާއިރު، ގދ އަތޮޅު ކައުންސިލުން ގދ ވާދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ރަށެއް ޝާމިލް ވާނެއެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގައި ވާދޫ ޓީމް ސެމީފައިނަލްގައި ވާދަކުރާއިރު، މިއީ ހުވަދުއަތޮޅުގެ ޓީމަކަށް މިހިސާބަށް ދެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ، ހުޅުމާލެ ރެހެންދި ގްރައުންޑްސް ގައެވެ.

