ދެކުނުގެ ސްކޫލެއްގެ ޓީޗަރަކު ކުޑަކުއްޖަކަށް ގްރޫމްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދެކުނު ޕޮލިސް ސަރަޙައްދުގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު، އެ ސްކޫލުގެ 8 ވަނަ ގްރޭޑްގެ ފިރިހެން ދަރިވަރަކަށް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 2025 ޖަނަވަރީ 21 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވިނަމަވެސް، މައްސަލައާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލައިގެ ނާޒުކުކަމަށް އިޝާރާތްކޮށް، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި މައްސަލައިގައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

