ރަސްފަންނު މަރާމާތުކުރުމަށްޓަކައި އެ ސަރަހައްދު މިމަހުގެ 22 އިން 28 އަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރަސްފަންނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލުން އެ ވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސްޓޭކްހޯލްޑަރުންނާ ގުޅިގެން މި މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރިއެވެ.
ރަސްފަންނަކީ 2016 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ. އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައް ގާއިމްކޮށްފައިވެއެވެ.
ނަމަވެސް، ރަސްފަންނު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަމީ އެތަން ބޭނުންކުރާ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ރަސްފަންނުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެންނެވެ. އަދި މިމުއްދަތުގައި މުޅި ރަސްފަންނުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

