ސަރުކާރުން ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސްތައް ބެހުމަށް ފެށުމާއެކު، މަސްދަޅުކޭސްތައް ބަލައި ދިޔަ ރައްޔިތުންތަކުގެ ދިގުކިއުލައިންތަކެއް ދަމާލައިފިއެވެ. މަސްދަޅު ބަހަން ފެށުމުގެ ގޮތުން މިރޭ 20:30 ގައި މިފްކޯ އޮފީސް ކޮމްޕައުންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ވަޒީރު އާދަމް ޝަރީފް އުމަރު، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ފަސް ސަރަހައްދަކުންނެވެ. އެއީ މިފްކޯ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލެ ފޭސް-1 ގެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް-2 ގެ ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުންނެވެ.
މިކަމަށް އެންމެ ބޮޑު އިޖާބައެއް ލިބިފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުން ކަމަށްވާއިރު، އެތަނުގައި ދިގު ކިއުއެއް ހަދާފައި އޮތެވެ. ޓަވަރު 10 އިން ފެށިގެން ޓަވަރު 12 ގެ ބަސް ސްޓޭޝަނާ ހަމައަށް މީހުންގެ ކިއު ލައިން ދެމިފައި އޮތް މަންޒަރު ފެނެއެވެ. މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށްވާއިރު، ކޮންމެ ގޭބިސީއަކަށް 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެއް ލިބޭނެއެވެ.
އެސްޓީއޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިކަން ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސްދަޅުކޭސް ބަލާ ދާ މީހާގެ އައިޑީކާޑު ބޭނުންވާނެއެވެ. އަދި މަސްދަޅު ކޭސް ބަލާދާއިރު އެ ގޭބީސީއެއްގެ ކަރަންޓް ބިލުގެ އެންމެ ފަހު ތިން މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހޭނެއެވެ
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވާ ގަޑިތައް:
- 20 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
- 22 ފެބުރުވަރީ ހެނދުނު 10:00އިން ހަވީރު 16:00އަށް
- 22 ފެބުރުވަރީ ރޭގަނޑު 20:30އިން 23:00އަށް
- 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް މެންދުރު 14:30އިން 18:00އަށް
- 23 ފެބުރުވަރީ އިން 27 ފެބުރުވަރީއަށް ރޭގަނޑު 20:30އިން 23:00އަށް
މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހާ ތަންތަން:
- * މިފްކޯ އޮފީސް ކޮމްޕައުންޑް
- * ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭ ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2، ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރު

