މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ އެކަމެއް ދިމާވުމުން ކެއިންބުއިމާއި ހަމަޖެހުން ގެއްލުވާލާ، "އަނގަފާރުވުމަށް" ގޭގައި ދެވިދާނެ ބައެއްކަހަލަ، ފަސޭހަ އަދި އަވަސް ފަރުވާތަކެވެ. އަނގަފާރުވުމަކީ ވަރަށް އާންމުކޮށް ދިމާވާ، ވަރަށް ވޭންހުރި އަދި ކެއުން ބުއިމަށް ދަތިވާ މައްސަލައެކެވެ. މި މައްސަލަ އާންމުކޮށް ދިމާވަނީ ތުންފަތުގެ އަޑިބައި، ހިރުގަނޑު އަދި ކަރުތެރޭގައެވެ. ޚާއްޞަކޮށް އަންހެނުންނާއި ފުރާވަރުގެ ކުދިންނަށް މި މައްސަލަ ދިމާވެއެވެ. ނަމަވެސް، މިއީ ގޭގައި ތިބެގެން ވެސް ފަސޭހައިން ފަރުވާ ދެވިދާނެ ކަމެކެވެ.
އެޕަލް ސިޑާ ވިނެގާގެ ފަރުވާ: އަނގަފާރަށް އެންމެ މޮޅު ފަރުވާތަކުގެ ތެރޭގައި އެޕަލް ސިޑާ ވިނެގާ ހިމެނެއެވެ. މިއީ އަނގަފާރު އަޅަން މެދުވެރިވާ ބެކްޓީރިއާ މަރާލުމަށް އެހީވާ ގުދުރަތީ އެއްޗެކެވެ. ހޫނު ފެނާއެކު ވިނެގާ އަޅައިގެން ދުވާލަކު ދެފަހަރު އަނގަ ދޮވުމުން ވަރަށް އަވަހަށް ފަސޭހަވެއެވެ. މި ފަރުވާ ދިނުމުގައި ވިނެގާ އާއި ފެން އެއްވަރު މިންވަރަކަށް އެޅުމަކީ މުހިންމު ކަމެކެވެ.
މާމުއިގެ ފައިދާ: މާމުޔަކީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ބޭނުން ކުރަމުން އަންނަ، އެންޓި އިންފްލެމެންޓަރީ އަދި އެންޓި ބެކްޓީރިއަލް މާއްދާތައް ހިމެނޭ ގަހެކެވެ. ފާރުގަނޑުގައި މާމުއި އުނގުޅުމުން އާޓިޝޫތައް އުފެދި، ފާރު ރަނގަޅު ވުމަށް އެހީވެދެއެވެ. މާމުއި ބޭނުން ކުރުމުގައި ސާފު މާމުއި ކޮޅެއް ނަގައި، ފާރުގަނޑުގައި ސީދާ އުނގުޅިދާނެއެވެ.

އަނގަފާރުވުމަކީ، ކެއިންބުއިމާއި ހަމަޖެހުން ގެއްލުވާލާ ކަމެއް، / ފޮޓޯ: މައިހެލްތީލައިފް
އަލޮވެރާ ޖެލްގެ ބޭނުން: އަލޮވެރާގައި ހުންނަ ޖެލް އަކީ ހުރިހާ ވައްތަރެއްގެ ފާރަށްވެސް ރަނގަޅު ފަރުވާއެކެވެ. މި ޖެލްގައި ހިމެނޭ އެންޓި އިންފްލެމެންޓަރީ މާއްދާއިން ފާރުގަނޑު ފަސޭހަކޮށްދީ ތަދު ކަނޑުވައެވެ. އަލޮވެރާ ޖެލްކޮޅެއް ފެންފޮދަކަށް އަޅާފައި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު އަނގަ ދޮވުމުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.
ކާށިތެލުގެ މުހިންމުކަން: ކާށި ތެލުން އަނގައިގައި ހެދިފައި ހުންނަ ފާރުގެ އެތެރޭގައި ހުންނަ ފަށަލަތައް ބެދި ރަނގަޅު ކޮށްދިނުމަށް އެހީވެދެއެވެ. ކާށިތެލަކީ އެންޓި އިންފްލެމެންޓަރީ އެއްޗަކަށް ވުމުން އޭގެން ތަދުކެނޑުމަށް ވެސް އެހީވެދެއެވެ. ކާށިތެޔޮ ބޭނުންކުރުމުގައި ކުޑަ އަދަދަކުން ފެށުމަކީ މުހިންމު ކަމެކެވެ.
ލޮނު އަދި ބޭކިންގ ސޮޑާގެ ފަރުވާ: އެންމެ ފަސޭހައިން އަނގައިގެ ފާރު ފަސޭހަ ކުރެވޭނީ ތާފާނާ ފެނަށް ލޮނު ނުވަތަ ބޭކިންގ ސޮޑާ އެޅުމަށްފަހު އެފެނުން އަނގަ ދޮވުމުންނެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާތަކުން ފާރުތައް ރަނގަޅުވެއެވެ. މި ފަރުވާ ދިނުމުގައި ވެސް ދުވާލަކު ދެ ނުވަތަ ތިން ފަހަރު އަނގަ ދޮވުން މުހިންމެވެ.

އަނގަފާރުވުމަކީ، ކެއިންބުއިމާއި ހަމަޖެހުން ގެއްލުވާލާ ކަމެއް، / ފޮޓޯ: މައިހެލްތީލައިފް
އިތުރު ސަމާލުކަން ދޭންވީ ކަންކަން: އަނގަފާރުގެ ފަރުވާ ދިނުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ:
- އަނގައިގެ ސާފުތާހިރުކަން ބެލެހެއްޓުން
- ގަވާއިދުން ދަތްއުނގުޅުން، ހާއްސަކޮށް ރޭގަނޑު ނިދުމުގެ ކުރިން،
- ފާރުގަނޑުގައި އަތްލުން މަދުކުރުން
- ހޫނު ކާނާ އަދި ބުއިންތަކުން ދުރުހެލިވުން
- ފަރުވާ ދިނުމުގައި އެއް ފަރުވާއެއްގައި ދެމިހުރުން
- ޕެރިއޮކިން ޖެލް އަކީ މިފަދަ އަނގައިގެ ފާރުތަކަށް ވަރަށްވެސް ރަނގަޅު އޮއިންމެންޓެއް
ނަމަވެސް، މި ފަރުވާތައް ދިނުމުގައި ވެސް ފާރުގެ ޙާލަތު ގޯސްވަމުންދާނަމަ، ނުވަތަ ރަނގަޅުނުވާނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މި ފަރުވާތަކަށް އެލަރޖީވާ ފަދަ ކަމެއް ދިމާވާނަމަ، އެ ފަރުވާއެއް ދިނުން ހުއްޓާލަންވާނެއެވެ.

