ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މުޅި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ފަށައިފައެވެ.
މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ހުޅުމާލޭ ޗެނަލް ޕާކުގައި ބޭއްވުނެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ޚާއްސަކޮށް ކުނި ގިނައިން ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުވެފައިވާ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.

ރޯދަ ސާފު ހަރަކާތުގެ ތެރެއިން
އެޗްޑީސީން ވަނީ މީގެ ކުރިން "އެއްގެއިން އަނެއްގެއަށް" ގެ ނަމުގައި ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. "މި ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް އިސްރާފު މަދުކުރުމާއި ރަށްވެހިކަމުގެ ގުޅުން އާލާކުރުމުގެ މަޤްޞަދުގައި، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެއް،" ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް ވަނީ މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހު ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން "ރޯދަ ސާފު" ގެ ނަމުގައި ހިންގި ހަރަކާތުގައި 40 މުއައްސަސާއަކުން ބައިވެރިވެ، މާލޭގެ 5 ސަރަހައްދެއް ސާފުކުރިއެވެ.

