ސަރުކާރުގެ ޙަރަދުތައް މިދިޔަ އަހަރާއި އަޅާ ބަލާއިރު 21 އިންސައްތަ ދަށް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އެގޮތުން، އެ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރެމުންދާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހުރީ 3.8 ބިލިޔަން ރުފިޔާގައިކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދަށް ހިނގާފައިވާ 4.9 ބިލިޔަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދާއި އަޅާ ބަލާއިރު، 21 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ރިކަރަންޓް ޚަރަދަށް ހިނގި 2.8 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 169 މިލިއަން ރުފިޔާ ހިމެނޭއިރު، ރިކަރަންޓް ޚަރަދުގެ ތެރޭގައި މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1.1 ބިލިއަން ރުފިޔާއާއި، އެކި އިދާރީ ހިންގުންތަކަށް ޙަރަދުކޮށްފައިވާ 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދުތައްކަން ފާހަގަކޮށްލެވެއެވެ.
މިއަހަރު ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 541 މިލިއަން ރުފިޔާ، އެހީގެ ގޮތުގައި ލިބިފައިވާ 28.3 މިލިއަން ރުފިޔާ އާމްދަނީގެ ތެރޭގައި ހިމެނެއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ޚަރަދުތަަކަށްވުރެ ލިބިފައިވާ އާމްދަނީ 1.3 މިލިއަން ރުފިޔާ އިތުރުކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

