މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އަންހެނަކާއި 2 ފިރިހެނަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓަކުން، މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އަންހެނަކާއި ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:
- ލ. ގަން / ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން (28އ)،
- ލ. ގަން / މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން (23އ)
- ލ. ގަން / ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ (29އ)
ފުލުހުން ބުނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ރިޝްފާން އާއި ޙުސައިން ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ޙައްވާ ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

