ހުޅުމާލޭ ރެހެންދި ޓާފް ގްރައުންޑްގައި މިރޭ 10:00ގައި ބައްދަލު ކުރާ ގޯލްޑަން ފުޓްސަލްގެ ސެމީ ފައިނަލްގެ ދެމެޗުގައި ވާދަކުރާ 4 ޓީމު އެންމެ ފުރިހަމައަށް ތައްޔާރު ވެފައިވާއިރު، ވާދޫގެ ތާރީހުގައި ދެވަނަ ފަހަރަށް ގޯލްޑަންގެ ސެމީއަށް ކާށިދޫޓީމާ ކުރިމަތިލާން ނުކުންނަ ވާދޫގެ ޓީމަށް ސްޓޫޑިއޯ 33ގެ ޖާދޫ އިން އާދަޔާ ހިލާފު ހިތްވަރަކާއި ޖޯޝެއް ލިބިދީފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ޝަރަފުވެރި އަދި އެންމެ ޑިމާންޑް ބޮޑު މުބާރާތެވެ. މި މުބާރާތުގެ ޝަރަފު މިހާތަނަށް ވަނީ މަދު ރަށްތަކަކަށް ލިބިފައެވެ. އަދި މި މުބާރާތުގެ ފަހު މަރުހަލާއަށް ދެވުމަކީވެސް ޓީމުތަކަށް ލިބޭ ބޮޑު ކާމިޔާބީއެކެވެ.
2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގައި މުޅިން އަލަށް ދެ ޓީމެއް ވާދަކުރާއިރު، އެއީ ހދ. ނައިވާދޫ އާއި ކ. ކާށިދޫއެވެ. ނައިވާދޫން ކުޅޭނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމާ ދެކޮޅަށެވެ. އަދި ކާށިދޫން ކުޅޭނީ 2023 ވަނަ އަހަރުގެ ރަނަރަޕް ގދ. ވާދޫއާ ދެކޮޅަށެވެ.
މިރޭ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ވާދޫޓީމު ސެމީފައިނަލުގައި ކުޅޭ ދެވަނަ މުބާރާތަށް ވާއިރު، 2023 ވަނަ އަހަރު ފައިނަލުގައި ކުޅުމަށްފަހު މިދިޔަ އަހަރު ވާދޫ ދަށަށް ޖެހުނު ނަމަވެސް ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށްލީ މެޗަކަށްފަހު މެޗަކަށް ވިސްނައިގެންނެވެ.
މިއީ ނައިވާދޫޓީމު ސެމީފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި އަނެއް ދެޓީމުގެ ތެރެއިން ލ ގަމަކީ 2023 ގެ ޗެމްޕިއަނަށް ވާއިރު އަނެއް ޓީމަކީ ވެސް މުޅިން އަލަށް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ.
2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލްގެ ރަނަރއަޕް ޓީމަށް ވެފައި، މިހާތަނަށް ގޯލްޑަން ފުޓްސަލްގެ ދެފަހަރު ސެމީގައި ވާދަކޮށްފައިވާ ޓީމަކަށް ވުމުން މިރެއަކީ ވާދޫ ޓީމުގެ ކުޅުންތެރިންނަށްވެސް އަދި ސަަޕޯޓަރުންނަށްވެސް ނުހަނު މުހިންމު އަދި އެހާމެ ހާއްސަ ބޮޑު ރެއެކެވެ. އެހެނީ މިރޭގެ ނަތީޖާ ވާ ގޮތަކުން މިހާތަނަށް ވާދޫ ޓީމު އޮތް ރޭންކުން މައްޗަށް ޖެހި ތާރީހީ ކާމިޔާބީއަކާއެކު ރަނަރއަޕުން ތަށި އުފުލާލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ތިނަދޫސިޓީއިން ތައްޔާރު ކޮށްފައިވާ ޖާދޫ ވީޑިއޯ އިން ވާދޫ ޓީމަށް ލިބެމުންދަނީ ވަރަށްވެސް ބޮޑު ތަރުހީބެކެވެ.
މަޝްހޫރު ހިންދީ ފިލްމު ކޮއި މިލްގަޔާގެ ޖާދޫ ލަވައަށް ވާދޫ ނަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޖާދޫ ވީޑިއޯ ވެގެންގޮސްފައިމިވަނީ މިރޭގެ މުބާރާތަށް ނުކުންނަ ވާދޫޓީމަށް އާދަޔާހިލާފު ސަޕޯޓިންގ ސިސްޓަމަކަށެވެ. މިވީޑިއޯގެ ސަބަބުން ސޯޝަލްމީޑިއާއާއި އަދި އާންމުންގެ ތެރޭގައިވެސް ޖާދޫގެ ފަހަތުން ޖާދޫ ވާދޫ، ވާދޫ ޖާދޫގެ އަޑު ދަނީ ގުގުމަކުންނެވެ. ޓީމުގެ ކުޅުންތެރިންނަށް ސްޓޫޑިއޯ 33 ގެ ޖާދޫގެ ސަބަބުން ލިބެމުން ދަނީ ވަރަށްވެސް ބޮޑު ހިތްވަރަކާއި ސަޕޯޓެކެވެ. މި ވީޑިއޯ ސޯޝަލްމީޑިއާގައި ނުހަނު ބޮޑަށް ވައިރަލްވެފައިވާއިރު ކޮންމެ ދިމާއަކުންވެސް އިވެނީ ވާދޫ ޖާދޫ ގެއަޑެވެ.
އެހެންކަމުން އުއްމީދަކީ ސްޓޫޑިއޯ 33 ގެ ޖާދޫ އިން ވާދޫ، ޖާދޫ ދައްކައި، މިރޭގެ ސެމީފައިނަލް މެޗުން ކާމިޔާބުވެ މިފަހަރުގެ ޗެމްޕިއަންކަމުގެ ތަށި އުފުލާލުމެވެ.

