ސަރުކާރުން ރަމަޟާން މަހަށް ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
"ދިގު ކިއުއަށް ނޭރިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިއުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ރޭ 8:00 ގައި މަސްދަޅު ކޭސް ބަހަން ފެށުމާއެކު، އެތަންތަނުގައި ދިގު ކިއޫތައް އުފެދުނެވެ. ބައެއް ކިއުތަކުގައި ރޭ ދަންވަރު 3:00 ޖެހިއިރުވެސް މީހުން ތިބިކަން ފާހަގަކުރެވުނެވެ.
މިކަން ފާހަގަކުރަައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، "ރޭ ކިއުގައި ގިނަ ވަގުތު ތިބެންޖެހުމުން ހިތާމަކުރަން. އެހެންވެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަން."
މިނިސްޓަރު އިތުރަށް ވިދާޅުވީ، އާބާދީ އެންމެ ބޮޑު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އިތުރު ތަންތަން ހަމަޖެއްސުމާއި، އިންސާނީ ވަސީލަތްތައް އިތުރުކުރުން ހިމެނެއެވެ.
ސަރުކާރުން މި އަހަރުގެ ރަމަޟާން މަހަށް ގާތްގަނޑަކަށް 80,000 އަށްވުރެ ގިނަ ގޭބީސީތަކަށް މަސްދަޅު ކޭސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ ކޭހެއް ދޫކުރެވޭނެއެވެ. މަސްދަޅު ބެހުމުގައި ކަރަންޓު މީޓަރު ނަންބަރަށް ބަލައިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އާދަމް ޝަރީފް އަދި އާންމުންނަށް ގޮވާލެއްވީ ކެތްތެރިކަމާއެކު މި ޕްރޮގްރާމްގައި އެއްބާރުލުން ދެއްވުމަށެވެ. އަދި ހުރިހާ ގޭބީސީއަކަށްވެސް މަސްދަޅު ކޭސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި، މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފެށި ފުރަތަމަ ދުވަހު ތަފާތު ސެންޓަރުތަކުން މަސްދަޅު ކޭސް ދޫކުރެވުނު އަދަދުތަކަކީ:
- – ވިލިމާލެ: 582 މަސްދަޅު ކޭސް
- – އެމްޓީސީސީ ސޯމިލް: 2،083 މަސްދަޅު ކޭސް
- – މިފްކޯ: 3،666 މަސްދަޅު ކޭސް
- – ހިޔާ ފްލެޓް 10: 1،555 މަސްދަޅު ކޭސް
- – އުމަރު ޒާހިރު ބިލްޑިން: 1،508 މަސްދަޅު ކޭސް
މިއަދުން ފެށިގެން އިތުރު ތަންތަނުން މަސްދަޅު ކޭސް ދޫކުރަން ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- – ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރި
- – ސޯޝަލް ސެންޓަރު
- – ހެންވޭރު ދަނޑު
- – ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރު ދެ ތަން
މިއާއެކު މަސްދަޅު ކޭސް ދޫކުރާ ތަންތަނުގެ އަދަދު 13 އަށް އަރާނެއެވެ. ކޮންމެ ތަނެއްގައި 5 މޭޒު ބަހައްޓައިގެން މަސްދަޅު ކޭސް ދޫކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހޫނު ގަދަކަމަށް ފެންނާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ. ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ ކޭހެއް. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށް. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގިނަ ގޭބީސީތަކަށް މަސްދަޅު ދޭނެ." ވަޒީރު އާދަމް ޝަަރީފު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން އިއުލާން ކުރެެއްވީ، ވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

