"އިންޑިއަން ފިލްމް ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފިލްމް ފެސްޓިވަލެއް އިއްޔެ ރާއްޖޭގައި ފަށައިފިއެވެ.
މި ފިލްމު ފެސްޓިވަލް އިފުތިތާހުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދެވެ.
ހިންދީ ފިލްމަތަކަށް ލޯބި ކުރާ ދިވެހިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި އޮލިމްޕަހާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެކި ދުވަސްތަކުގެ މަތިން ތަފާތު ރީތި ހިންދީ ފިލްމުތަކެއް އަޅުވާނެއެވެ.

މި ފިލްމުތައް ބަލާލުމަށް ހިލޭ ވަދެވޭ އިރު، ފިލްމް ފެސްޓިވަލްގައި އަޅުވަން ހަމަޖެހިފައިވާ ފިލްމްތަކަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، "އިންގްލިޝް ވިންގްލިޝް"، "83"، "ޒިންދަކީ ނާ މިލޭގީ ޑޯބަރާ" ފަދަ ހިންދީ ފިލްމްތައް ހިމެނޭއިރު، ތަމިލް، ޕަންޖާބީ، މަލަޔާޅަމް، ކަންނަޑާ ފިލްމްތައްވެސް އެޅުވުމަށް ހަމަޖެހިފައިވެއެވެ. "ގޮއްޑޭ ގޮއްޑޭ ޗާ"، "ވިކްރަމް" އާއި "އަންމާ ކަނައްކޫ" ގެ އިތުރުން "ތުންޑިމުތަލުން ރިކްސަޝިޔުމް" އަދި "އަކްޝީ" ހިމެނެއެވެ.

