ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް ދީ އެޕް ޑައުން ކޮށްލައިފިއެވެ
މިއަދު ހަވީރު 6:00 ގައި ފެށުނު މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ޓޯކަން ނަންބަރު ދޫކުރަނީ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، ޕްރޮގްރާމް ފެށުމާއެކު ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާއެއް އަމާޒުވެ، ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި،" ކަމަށެވެ. އަދި މި ކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައިވެއެވެ.
މަސްދަޅު ކޭސް ބަލައިގަތުމަށް ޓަކައި، ރައްޔިތުން އެ ފަރާތެއްގެ އައިޑީ ކާޑާއި އެއް މަހުގެ ކަރަންޓު ބިލް ގެންނަން ޖެހޭނެއެވެ. މި ނިޒާމަކީ މިދިޔަ ބުރާސްފަތި ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބެހުމުގައި ދިމާވި ދިގު ކިއުތަކާއި ޝަކުވާތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ތަޢާރަފުކުރި ނިޒާމެކެވެ.
[ނޯޓް: ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއަކީ ވެބްސައިޓެއް ނުވަތަ ނެޓްވޯކެއް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ގިނަ އަދަދެއްގެ ޓްރެފިކް އެއްފަހަރާ އަމާޒުކޮށްގެން ދެވޭ ސައިބަރ ހަމަލާއެކެވެ.
މިފަދަ ހަމަލާތަކުގައި އެއްފަހަރާ ގިނަ އަދަދެއްގެ ކޮމްޕިއުޓަރ ނުވަތަ ޑިވައިސްތަކުން އަމާޒުކުރެވޭ ސަރވަރަށް ރިކުއެސްޓް ފޮނުވައެވެ. މީގެ ސަބަބުން ސަރވަރުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިންތިހާއަށް އިތުރުވެ، ޚިދުމަތް މެދުކެނޑި، އާންމު ބޭނުންކުރާ ފަރާތްތަކަށް އެ ޚިދުމަތް ނުލިބޭ ހިސާބަށް ދެއެވެ.]

