ކެފޭތަކުން ކައިގެން ބިލް ނުދައްކާ މީހާ އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިއްޔަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ ޔާޝިން ރަޝީދެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ހިދުމަތް ހޯދުމަށްފަހު، ފައިސާ ނުދައްކަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޔާޝިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި ޔާޝިންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ޔާޝިން ހައްޔަރުކޮށްފައިވެއެވެ. މީގެ ދެ ހަފްތާ ކުރިން އޭނާ ހައްޔަރު ކުރީ ހަމަ މިފަދަ މައްސަލައެއްގައެވެ. އެ މައްސަލައްސަލައިގައި ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މި މަހުގެ 4 ވަނަ ދުވަހެވެ. އަދި އޭނާ ބަންދުގެ މުއްދަތު ހަމަވެގެން ދޫކޮށްލި ފަހުން އަނެއްކާ އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ޔާޝިންގެ އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ..

