ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކަކަށް، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނީ، ބަންދުގައި ތިބި 17 ބިދޭސީންނަށް ކާނާ ވިހަވުމުގެ ސަބަބުން މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ، މި ހާދިސާއާ ގުޅިގެން އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުން ކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގ މިހާރު ވަނީ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދެވޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

