ގދ. ހޯނޑެއްދޫ ކައުންސިލާއި ގިރިންދާ ޖަމްޢިއްޔާއާ ދެމެދު މަސްތުވާތަކެތި ބޭނުންކުރުމާއި އެކަމަށް ދެވިހިފުމުގެ ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމްނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ 22 ފެބްރުވަރީ 2025 ވަނަ ދުވަހު ގދ. ހޯނޑެއްދޫ ކައުންސިލް އިދާރާގައެވެ. ފަހުމުނާމާގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، ޙުސައިން ވާރިޝްއެވެ. އަދި ގިރިންދާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ނައިބު ރައީސް، ޙުސައިން އާދަމެވެ.
މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގދ. ގައްދޫ ޕޮލިސް އިންޗާޖް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝިރުހާން އިބްރާހީމް އާއި ހޯނޑެއްދޫގައި ތިއްބަވާ ދިވެހި ފުލުހުންނެވެ.
ގިރިންދާއަކީ 2023 ވަނަ އަހަރުގެ ކުރީކޮޅު އުފެދުނު، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެކަމުން ދުރުކޮށް، އެ ފަރާތްތައް މުޖުތަމަޢުގައި ހެޔޮގޮތުގައި ދެމިތިބުމަށް އެހީތެރިވުމުގެ މަޤްޞަދުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ވަނީ ހުވަދު އަތޮޅުގައި މި މަސައްކަތް ވަރަށް ހަލުވިމިނެއްގައި ހިންގައި، އޭގެ އެދެވޭ ނަތީޖާއެއްވެސް މި ކުރު މުއްދަތުގެތެރޭ ޙާޞިލްކޮށްފައެވެ.

ހޯނޑެއްދޫ ކައުންސިލާއި ގިރިންދާ ޖަމްޢިއްޔާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތެރެއިން/ ފޮޓޯ: ގިރިންދާ
ހޯނޑެއްދޫ ކައުންސިލާއެކު މި ސޮއިކުރެވުނު ފަހުމުނާމާގެ ބޭނުމަކީ މި މަސައްކަތުގައި ހޯނޑެއްދޫ ކައުންސިލުން މިހާތަނަށްވެސް ގިރިންދާއަށް ފޯރުކޮށްދެމުން އައި އެހީތެރިކަން އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
ގިރިންދާ ޖަމްޢިއްޔާއިން ހުވަދުއަތޮޅުގެ ފުލުހުންގެ ލީޑަރޝިޕާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އާއި ގުޅިގެން ގދ. ހޯނޑެއްދޫގައި މި މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރުއްސުރެ މިހާތަނަށް ގިރިންދާއިން އެކި ފަހަރުމަތިން ޒިޔާރަތްކޮށް، އެ ރަށު ކައުންސިލުގެ އެހީތެރިކަމާއެކު ރަށުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ހުރިހާ އެންމެން ފަރުވާއަށް ގެންގޮސް، ފަރުވާގެ ފަހުން ތަފާތު މަރުޙަލާތަކުގައި އެ ފަރާތްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

