ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.
އެޗްއާރްސީއެމްއިން މިކަން ނިންމީ މަރުހޫމްގެ އާއިލާއިން މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނާ ހިއްސާކުރުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ކޮމިޝަނުން ވަނީ ތަޙުޤީޤެއް ފަށާފައެވެ.
މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ މަޢުލޫމާތުތަކާއި ލިޔެކިޔުންތައް ކޮމިޝަނުން ދަނީ ދިރާސާކުރަމުންނެވެ. ނިއުލައިފް ގޭގައި ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.
ފުލުހުން ކުރިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަޙުޤީޤަށް އިތުރު ބާރެއް ލިބޭގޮތަށް އެމެރިކާގެ އެފްބީއައި އާއެކު މަޝްވަރާކޮށް، ތަޙުޤީޤުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާކަން ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ. މި މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

