މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދަތުރުކޮށް ހިތްހަމަޖެހުން ހޯދޭނެ ތަނެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިޔާލިބޭ ބޮޑެތި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި ޗެއަރމަން އަޙްމަދު ނާސިފްގެ އިތުރުން ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތަކީ ސަރުކާރުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ހުޅުވުނު ކުޑަގިރި ޕިކްނިކް އައިލެންޑަށް މިހާތަނަށް 54،724 މީހުން ޒިޔާރަތްކޮށްފައިވާކަމަށް އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ދަތުރުވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އެޗްޑީސީން ފާހަގަކުރައްވައެވެ.
ކުޑަގިރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެޗްޑީސީން ވަނީ އިތުރު ގިނަ މަޝްރޫޢުތަކެއް ރާވާފައެވެ. މީގެ ތެރޭގައި އަންނަ އޭޕްރީލް މަހުން ފެށިގެން ޚިދުމަތްދޭ ގަޑި ރޭގަނޑު 11:30 އަށް އިތުރުކުރުމާއި، ހުޅުމާލޭގައި ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ޚާއްސަ ކައުންޓަރެއް ޤާއިމުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުޑަގިރީގައި ޚާއްސަ ޑައިވް ސައިޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

