ދިވެހިރާއްޖެއާއި ބްރޫނާއީއަކީ ގާތް އަދި އެކުވެރި ގުޅުމެއްގެ ދިގު މާޒީއެއް އޮތް ދެ ޤައުމުކަން ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވީ ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، އެ ޤައުމުގެ ސުލްޠާން، ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދެމުން ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބްރޫނާއީގެ ސުލްޠާނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އުޚުއްވަތްތެރި ބްރޫނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ދިވެހިރާއްޖެއާއި ބްރޫނާއީ ދާރުއްސަލާމާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 31 މާރޗް 1984 ގައެވެ.

