ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުގައި އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
ރައީސް ޑރ. މުއިއްޒު އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ރަށަށް ވަޑައިގެން ފައިނުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެކަމަށް ވައުުދުވެވަޑައިގެންނެވިއެވެ. އެއާއެކު، ރާއްޖޭގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މި މަހު އެމްޓީސީސީ އާއި ހަވާލުކޮށް، އެ މަޝްރޫއު ފެށުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.
ރ. އަތޮޅުގައި މިވަގުތު އޮންނަނީ ރ. އިފުރު އެއާޕޯޓު އެކަންޏެވެ.

