ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުނު ބިދޭސީން، ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ހުޅުމާލެ ގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންގެ ތެރެއިން 19 ބިދޭސީއަކު ރޭގެ ކެއުމަށްފަހު ހާލަތު ދެރަވަގެން ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ އެނދުމަތިކޮށްފައެވެ. ރޭގެ ވަގުތެއްގައި ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދެވުނީ 16 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 19 ބިދޭސީންނެވެ.
މި މީހުންނަށް ފަރުވާ ދިނުމަށްފަހު، އިއްޔެ ރޭގެ ވަގުތެއްގައި 17 މީހުން ދޫކޮށްލެވުނު އިރު، މިއަދު ހެނދުނު އިތުރު 2 މީހުން ދޫކޮށްލެވިފައިވެއެވެ. ދޫކޮށްލެވުނު އިރު ހުރިހާ މީހުންގެ ހާލަތު ވަނީ ރަނގަޅުވެފައެވެ.
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ މި ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިބެނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންނެވެ.
މި ހާދިސާއާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ، އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި ފަރުވާ ފޯރުކޮށްދިނުމަކީ އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަމެއް ކަމަށެވެ.

