ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ. މި އޮޕަރޭޝަނުގައި އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުއްލަޠީފް މޫސާ 32 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، މުޙައްމަދު މާޢިދު ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަނީ ވެލިދޫ ޕޮލިސް ސްޓޭޝަނުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންތައް އިތުރުކޮށް، ރަށްރަށުގައި މި ފަދަ މައްސަލަތައް ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

