ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 181 މިލިއަން ރުފިޔާ ކަމަށް ވެއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި އައު ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރެއް އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެއެވެ. މީގެ އިތުރުން، ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީއެއްވެސް ޤާއިމްކުރެވޭނެއެވެ.
ކުޑަހުވަދޫގައި އެއަރޕޯޓެއް އޮންނާތީ، އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަރޖެންސީ އީއާރެއްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެއެވެ. އަދި ކޯވިޑް-19 ފަދަ ބަލިމަޑުކަމެއްގައި ހޮސްޕިޓަލުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއްވެސް ހިމެނޭނެއެވެ.
ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައި ހުންނާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއްވެސް ހަރުކުރެވޭނެއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.
މި އައު ހޮސްޕިޓަލް އިމާރާތްކޮށް ނިމި ޚިދުމަތްދޭން ފެށުމުން، ދ. އަތޮޅުގެ ރައްޔިތުންނަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގަނެވޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

