ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އެރަށުގައި އައު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެބޭންކުގެ އައު ގޮފީގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙުމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
އަލަށް ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، “ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް” ކަމަށެވެ. އަދި އައު ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި އެސަރަޙައްދުގެ ރައްޔިތުންނަށް ބޭންކުގެ ހުރިހާ ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް، ކުޑަހުވަދޫގައި ގާއިމުކުރި އައު އޭޓީއެމްގެ ޚިދުމަތާއި ކުޑަހުވަދޫ ގޮފީގެ އައު އިމާރާތުގެ ބިންގާ އެޅުމާއެކު އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެބޭންކުން ހާމަކޮށްފައިވެއެވެ.

