ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ (އެމްޕީއެލް) ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، “ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަން ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކޮށްފައި ނުވާ” ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުޑަހުވަދޫ ހިމެނޭ ސަރަޙައްދަށް ބަލާއިރު މި ޕޯޓް މަޝްރޫޢުއަކީ ވަރަށް މުހިންމު މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމައި، ވިޔަފާރި ބަނދަރު ޙަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

