ދ. ކުޑަހުވަދޫ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، ރަށުގައި މިހާރު ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން އަދި ނަރުދަމާ ޖަންކްޝަން ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ފެން މީޓަރުތައް ބެހެއްޓުމާއި އައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
ރަށުގައި މިހާރު ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރްއޯ ޕްލާންޓެއް އަދި 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެއެވެ.
87 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާނެ މި މަޝްރޫޢު ނިންމުމަށް އާރްޑީސީއަށް 700 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

