ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ފިރިހެން ދަރިވަރަކު ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މުދައްރިސާ ވަޒީފާއިން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މި މައްސަލަ ބެލުމަށްފަހު އެ މުދައްރިސާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މި މައްސަލަ ފުރަތަމަ ހުށަހެޅުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އޭގެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް މި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދިޔަ ނަމަވެސް، މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، މައްސަލަ ހިނގި ރަށުގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭ މަޢުލޫމާތުތައް ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، މިހާރު އިތުރަށް ތަޙުޤީޤު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެ އިތުރުން، މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައި ވެސް މިފަދަ މައްސަލައެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. އެ މައްސަލައިގައި ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މުދައްރިސަކު މިހާރު ހުރީ ބަންދުގައެވެ. މި މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

