ދ. އަތޮޅު ބަނޑިދޫގައި އަލަށް ތަރައްޤީކުރާ އައިސް ޕްލާންޓްގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި، އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައި ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި އައިސް ޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓެކެވެ. މި މަޝްރޫޢަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫޢެކެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފް އަދި ބަނޑިދޫ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، "ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރާ އައިސް ޕްލާންޓްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ،" އެވެ.
މި މަޝްރޫޢަކީ މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތީ ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

