ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ.
މައްސަލައިގައި ފާހަގަކޮށްފައިވާ މައިގަނޑު ތިން ކަމަކީ، ބްލެކްލިސްޓް ކޮށްފައިވާ ބޭރުގެ ކުންފުންޏަކާ ބިދޭސީންގެ ކަންކަން ބެލެހެއްޓުން ހަވާލުކުރުމާއި، ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، އަދި ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސްއިން ނޫނީ ނުލިބޭނެ މައުލޫމާތު ކަމަށްވާއިރު، މި ޑޭޓާބޭސް ބަލަހައްޓަނީ މިނިސްޓަރު އިހުސާންގެ ބެލުމުގެ ދަށުން ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައި ވަނީ، މިނިސްޓަރު އިހުސާން މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި މިނިސްޓަރުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އޭނާ މަގާމުގައި ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސް އެޅުމުގެ އިހުތިމާލު އޮތް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

