ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު ދ. މީދޫ ކައުންސިލް އިދާރާގައި، އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މީދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި، ކުނީގެ މައްސަލަ އަދި ބަނދަރު ތޮށިޖެހިފައިވާ މައްސަލަ ހިމެނެއެވެ. އަދި ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ދިމާވެފައިވާ ދަތިތައްވެސް ފާހަގަކުރެއްވިއެވެ.
ކައުންސިލުން އިތުރަށް އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒު ލެވެލް ހަތަރަކަށް މަތިކުރުމާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. ހަމައެއާއެކު، ކައުންސިލުން ވަނީ އަންނަން އޮތް ޖީލު ރައްކާތެރިކުރުމަށް ސަރުކާރުން ވޭޕް މަނާކުރުމަށް ނަންގަވާފައިވާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.
ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ކޮށްދެއްވާފައިވާ ގިނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ

