މިއަހަރުގެ ރަމަޟާންމަހު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަން އިލްޔާސް މުހައްމަދު ވިދާޅުވީ، ރަމަޟާންމަހަށް ޚާއްސަކޮށްގެން މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެތެރޭގައި އިތުރު ޝެޑްތައް ޤާއިމްކުރުމާއި، ހުޅުމާލޭގައި ވަގުތީ ޓެންޓެއް ގާއިމްކޮށް ޑްރައި ބަލްކް ބެހެއްޓޭނެގޮތް ހެދުން ހިމެނެއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ، މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލޭ ކޮމާޝަލް ހާބަރުން ކްލިއަރ ކުރެވޭ ގޮތް ހަދައި، އާންމު މުދާތައް ހުޅުމާލެ ޕޯޓުން ކްލިއަރ ކުރެވޭނެގޮތަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަސައްކަތް ހަލުވި ކުރުމަށްޓަކައި ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސް ރަމަޟާންމަހަށް އިތުރުކޮށް ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށާއި، ވެހިކަލްގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރީޖަނަލް ޕޯޓްތަކުގައި ހުރި އުޅަނދުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ، މިއަހަރު ރަމަޟާން މަހު މާލެ ކޮމާޝަލް ހާބަރުން ކްލިއަރކުރާ ހުރިހާ ބާވަތެއްގެ މުދާވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ޕޯޓް މަސައްކަތް ކުރާ ހުރިހާ ދުވަހެއްގެ ހެނދުނު 09:15 އިން 16:00 އަށް، އަދި ރޭގަނޑު 21:15 އިން 01:30 އާއި ހަމައަށް ކަމަށެވެ. މި ގަޑިތަކާއި އެއްގޮތަށް ހުޅުމާލެ ޓާރމިނަލުން ވެސް ޚިދުމަތް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ފާހަގަކުރީ، ކޮންމެ ނަމާދެއްގެ ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނިޓުގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެ ކަމަށާއި، މިވަގުތުގައި ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި 27 ވިލޭރޭ ބަންދުވާނެ ކަމަށްވެސް އެމްޕީއެލްއިން ހާމަކުރިއެވެ.
އިލްޔާސް އިތުރަށް ފާހަގަކުރެއްވީ، އެމްޕީއެލްއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވިޔަފާރި ބަނދަރުގައި މުދާ ބަހައްޓާނެ ޖާގަ ނެތުން ކަމަށެވެ. ނަމަވެސް، މިކަމަށްވެސް ކުރިއެރުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، މިދިޔަ އަހަރު ފެށިއިރު އެ ސަރަހައްދުގައި ބެހެއްޓެނީ 3600 ކޮންޓެއިނާ ކަމަށާއި، މިހާރު 5100 ކޮންޓެއިނާ އެ ސަރަހައްދުގައި ބެހެއްޓޭ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އެހެންނަމަވެސް، މިހާރު ގެންނަ މުދަލާ އެއްވަރަށް އަދިވެސް ޖާގަ ނުލިބޭކަން ފާހަގަކުރައްވައި، މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ތިލަފުށީގައި އެމްޓީ ކޮންޓެއިނަރ ޓަރމިނަލެއް ކުރިއަށް އޮތް 2 މަސް ތެރޭގައި ތައްޔާރުކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

