ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދ. މީދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރި އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ކުރެއްވި ކަމެކެވެ.
އައު އިމާރާތް ހުޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތުގައި ޤާއިމު ކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ހިމެނެއެވެ.
މީގެއިތުރުން، އައު އިމާރާތުގައި ތިން ޚާއްސަ ކްލިނިކް ވަނީ ޤާއިމްކޮށްފައެވެ. އެއީ ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ޚާއްސަ ކްލިނިކެއް އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަ ކްލިނިކެކެވެ.
24 ގަޑިއިރު ޚިދުމަތްދެމުން އަންނަ މި މަރުކަޒުގައި މިވަގުތު މަސައްކަތްކުރަނީ 2 ޑޮކްޓަރުންނެވެ. “އައު އިމާރާތާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ” ކަމަށް މީދޫ ސިއްޙީ މަރުކަޒުން ވިދާޅުވިއެވެ.

